ކުޑަކުދިންނަށް ސަރުކާރުން ޖައްސާ ހާލު

childabuse_banner

ދައުލަތުގެ ބެލެނިވެރިކަމުގެ ދަށަށް ތުއްތުކުދިން ހުށަހެޅިގެންދާނީ އެކުދިން ބަލާނެ މައެއް ބަފައެއް މާމައެއް ކާފައެއް ބޮޑުދައިތައެއް ބޮޑުބޭބެއެއް ނެތި ކުދިން ވަރަށް ނިކަމެތިވާ ހާލުގައެވެ. މި ނިކަމެތިހާލުގައި ދާ ކުދިންނަށް ރައްކާތެރިކަން ދިނުމުގެ ބަދަލުގައި އެކުދިން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ބޮލުން ނައްޓާލުމަށް ސަރުކާރުން އެކުދިންނަށް ޖަލައްލައި އަދި ގުރައިދޫގައި މޮޔައިންކަމުގައި ހަދައި މި ދެމުންދާ އަނިޔާއާއި ދޭތެރޭ އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުވާންވެއްޖެއެވެ.

ދާދި ފަހުން އުމުރުން 15 އަހަރުގެ ކުޑަ އަންހެންކުއްޖެއްގެ ގައިގައި ހައްދުޖަހަން ކުޑަކުދިންނާ ބެހޭ ކޯޓުން ކުރި ހުކުމަށް ވަނީ މުޅި ދުނިޔޭގެ ނުރުހުމުގެ ލޯ އަމާޒުވެފައެވެ. މި ކަމާއި ދެކޮޅަށް އާވާޒްގައި ހަދާފައިވާ ޕެޓިޝަންގައި މިހާތަނަށް 2 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮއްފައެވެ. މި 15 އަހަރުގެ ދަރިފުޅުގެ އުމުރުން 11 އަހަރުން ފެށިގެން އޭނާ ދޮންބައްޕަޔާއި އަދިވެސް އެތައް ބައެއްގެ ޖިންސީ ޝިކާރައަކަށް ވަމުންދާކަން ދައުލަތަށް އެނގިހުރެމެ ދައުލަތުން ވަނީ އަޅާނުލައި ދޫކޮއްލާފައެވެ. އެ ތުއްތު ކުއްޖާގެ އުމުރުން 13 އަހަރުގައި ބަނޑުބޮޑުވެ ވިހެއި ކުއްޖާވަނީ ބަޔަކުމަރާލާފައެވެ.

އަނިޔާ ލިބިފައިވާ ތުއްތުކުއްޖަކަށް ވުމުގެ އިތުރަށް މިކުއްޖާއަކީ މަންމައެކެވެ. އެ މަންމަގެ ތުއްތު ދަރިފުޅު އަނިޔާވެރިކޮށް މަރާލެވިފައިވާ މަންމައެކެވެ. ބަޑުބޮޑުވެ ވިހެއުމާއި ހަމަޔަށް ސިއްޙީ އެއްވެސް ފަރުވާއެއް ލިބިފައިނުވާ މަންމައެކެވެ. ވިހެއުމަށްފަހު އެކަން ސަރުކާރަށް އެނގުނު ހިސާބުން ފެށިގެން އޭނާ ގެންދެވުނީ ދޫނިދޫ ޖަލަށެވެ. އެތާގައި އެކަނި މާއެކަނި ކުޑަގޮޅިއެއްގައި އޭނާބައިންދާފައި ހުރީ ސިއްޙީ ފަރުވާއެއް ނުލިބިއެވެ. ކުއްވެރިއެއް ފަދައިންނެވެ.

ދިވެހި ރާއްޖޭގެ ގާނޫނު ބުނާގޮތުން 24 ގަޑިއިރަށް ވުރެ އިތުރަށް ބަންދުގައި ބެހެއްޓޭނީ ކޯޓުއަމުރަކާއި ލައިގެންނެވެ. ކުޑަކުދިންނާއި ބެހޭ ކޯޓުން މި އަނިޔާ ލިބިފައިވާ ދަރިފުޅު ޖަލުގައި ބަހައްޓަން ހަމަ އަމުރު ދިނީ ބާވައެވެ. ރަހުމެއް ހަމްދަރުދީއެއް ނުވަތަ އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތީބާވައެވެ؟

މި ކުޑަގޮޅީގައި އެކުއްޖާ އެކަނި މާއެކަނި އެހެން ކުއްވެރިންނެކޭ އެއްގޮތައް ބައިންދާފައި މި ކުއްޖާއާއި ސުވާލުކުރި ކުރުމުގައި އެކުއްޖާގެ ހަޔާތުގައި ދިމާވެފައިވާ ހިތްދަތި ކަންތަކުގެ ވާހަކަތައް އަލުން އިޔާދަކޮށް ފުލުހުން އެކުއްޖާލައްވާ ކިޔުއްވިއެވެ. އެކުއްޖާ ޖަލުގައި އެހެން މައްސަލައެއް ތަހުގީގު ކުރުމުގެ ނަމުގައި ބައިންދާފައި އެކުއްޖާ ލައްވައި އޭނާގެ ހިތްދަތި މާޒީ ކިޔުއްވަންވީ އެއްވެސް ސަބަބެއް ނުފެނެއެވެ. އަދި އެހާލުގައި އެކުޑަ ކުއްޖާ ބައިންދައިގެން އޭނަޔަށްވުރެ އުމުރުން ދެގުނައަށް ވުރެ ބޮޑު ފިރިހެނަކާއި އެކު ޖިންސީ ގުޅުން ހިންގި ކަމަށް އެއްބަސް ކުރުވިއެވެ. މީގައި މި ތުއްތު ދަރިފުޅަށް އިތުރަށް އަނިޔާ ދިނުން ނޫން ބޭނުމެއް އެބައޮތް ހެއްޔެވެ؟

މި ކުއްޖާގެ ތަހުގީގު ފައިލު ދެން ފޮނުވުނީ ޕީޖީއަށެވެ. މި ފައިލު ޕީޖީއަށް ފޮނުވުނީ ދޮންބައްޕައަށާއި އެކުއްޖާގެ ދަރިފުޅު މަރާލި މީހުނަށް ޝަރީއަތް ކުރުމަށެވެ. އެހެނަސް ޕީޖީއަށް މި ފައިލުން އެންމެ ފުރަތަމަ ފެނުނީ އެެއްކަލަ ކުޑަގޮޅީގައި ބިރުންހުރެ އޭނާއަަށް މީހަކާއިއެކު ޖިންސީގުޅުން ހިންގިފައިވާކަމަށް ބުނެވިފައިވާހެން ހީވާ ތަންކޮޅެވެ. ޕީޖީ ކޯޓަަށް އެންމެ ފުރަތަމަވެސް ވެއްދީ އެމައްސަލައެވެ.

dheebanaz_fahumee

ދީބަނާޒް ފަހުމީ

ޕީޖީ އޮފީހުގައި ތިބި ތަންދޮރުދަންނަ އިންސާނިއްޔަތުކަން ހުރި ދެތިން މުވައްޒަފުން މި ކުއްޖާއާއި ދެކޮޅަށް ދައުވާކުރުމާއި ދެކޮޅުހެދިއެވެ. އެހެނަސް ޑެޕިއުޓީ ޕްރޮސެކިއުޓާރ ޖެނެރަލް ދީބަނާޒް ފަހުމީ ކަހާތަން ހިރުވާވެސް ނުލިއެވެ. މީނާ އަކީ އޮފީހުގައި އޭނާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުން ރޮއްވާާލާ އެކުދިންނަށް ވަރަށް ހާލުޖައްސާ މީހެކެވެ.

މި ކުޑަކުއްޖާގެ މައްސަލަ ފަދަ މައްސަލަތަކުގެ ނާޒުކުކަމާއިހުރެ ޕްރީ ޓްރަޔަލް މީޓިންެ އެއް ބާއްވައެވެ. މި މީޓިން އަކީ ކޯޓާއި ޖެންޑަރ މިނިސްޓްރީ އާއި އަދިވެސް މިފަދަ ކުއްޖާއާއި ގުޅުން ހުރިފަރާތްތައް ބައްދަލުކޮއް ކުއްޖާއަށް އެންމެ ރަގަޅު ރައްކާތެރިގޮތް ކަޑައަޅަން ބާއްވާ ބައްދަލުވުމެކެވެ. މި ފަދަ ޕްރީ ޓްރަޔަލް މީޓިންތަކަށް އާންމުކޮށް ދަނީ ޕީޖީގެ ދަށް ފަންތީގެ މުވައްޒަފުންނެވެ. އެކަމަކު މި 15 އަހަރުގެ ކުއްޖާގެ ބައްދަލުވުމަށް ދިޔައީ މި ދީބަނާޒް އެވެ. ބައްދަލުވުމަށް ފަހުވެސް ޕީޖީ އޮފީހުން ހިފީ އެކުއްޖާއާއި ދެކޮޅަށް ޒިނޭގެ ދައުވާކުރުމަށެވެ. ޕީޖީ އޮފީހުން ބުނީ އެކުއްޖާ އާއި ދެކޮޅަށް ދައުވާކުރަން ނުޖެހޭ އެއްވެސް ސަބަބެއްނުފެނުނު ކަމަށެވެ.

އެ ކުއްޖާއަށް ކުޑައިރުއްސުރެ ލިބެމުން ދިޔަ އަނިޔާގެ ސަބުބުން އެކުއްޖާއަށް ހެޔޮނުބައި އޮޅިފައިވާނެކަމާއި އެކުއްޖާގެ ނަފްސާނީ ރިޕޯޓުން އެކުއްޖާ ނަފްސާނީގޮތުން ދުޅަހެޔޮނޫން ކަމަށް ކަޑައަޅާފައިވުން ސަބަބަކަށް ނުފުދޭބާވައެވެ. ޖަލުގެ ބިރުވެރިކަމުގެ ތެރެއިން ކޯޓުރޫމްގެ ހާސްކަމުގެ ތެރެއަށް އެކުއްޖާ އެއްލާލާކަށް ދީބަނާޒް ފަހެއްނުޖެހުނެވެ. މުޅި ދުނިޔެއިން ނިކަމެތިވެފައިވާ ކުޑަކުއްޖެކެވެ. ދީބަނާޒް ކޮންމެ ފަދަގޮތަކަށް ހެދިޔަސް އެކުއްޖާގެ ހިމާޔަތުގައި ނުކުންނާނެ އަމައެއް ބަފައެއް ނުހުންނާނެތީ އޭނާ ހިތަށް އެރިގޮތަކަށް ބާރުގެ ބޭނުން ކޮއްލާން ނިންމީީއެވެ. ޕީޖީ އޮފީހުގެ މުވަައްޒަފުން ބުލީ ކޮށް ރޮއްވާލާހެންނެވެ.

މި ކުއްޖާއާއި ދެކޮޅަށް ދީބަނާޒު މި ދައުވާކުރަން ނިންމީ ގާނޫނު އަސާސީގެ 220 (ނ) ވަނަ މާއްދާ އާއި ޚިލާފަށެވެ. މި މާއްދާގައި ބުނާގޮތުން ޕީޖީ އަމަލުކުރަން ޖެހެނީ އެޓާނީ ޖެނެރަލް ހަދާފައިވާ ޕްރޮސެކިއުޝަން ޕޮލިސީ އާއި އެއްގޮތަށެވެ. މި ޕޮލިސީގެ 10 ވަނަ ނުކުތާގައި ޖިންސީ މައްސަލަތަކުގައި ކުޑަކުދިންނާއި މެދު ޖިނާއީ ދައުވާނުކުރުމަށް ވަރަށް ސަރީހަކޮށް އަންގައެވެ.

ޕްރޮސެކިއުޝަން ޕޮލިސީ 10.
ކުޑަކުދިންނާމެދު ބަދުއަޚުލާޤީ ޢަމަލު ހިންގުމާއި ކުޑަކުދިންނާމެދު ޒިނޭ ކުރުމުގެ މައްސަލަތަކުގައި، ކުށުގެ ޢަމަލުގެ ސަބަބުން ގެއްލުން ލިބުނުކުދިންނަށް ވީވަރަކުން ޖިނާއީ ޙުކުމެއް ނާންނާނޭ ގޮތެއްގެ މަތިން، އަދި އެކުދިން ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއަށް ހުށަހެޅިގެން ނުދާނޭ ގޮތެއްގެ މައްޗަށް ރިޢާޔަތްކުރެވިގެން ދަޢްވާކުރެއްވުން.

މި ކުޑަކުއްޖާ ގޭބަންދާއި ހައްދުގެއަދަބުން ސަލާމަތްކުރުމުގެ ބާރާއި މައްސޫލިޔަތު ޕީޖީއަށް ލިބި އޮވެ ދީބަނާޒު ނިންމީ މި ކުއްޖާ ކޮއްޕާ ކޯޓަށް ވައްދައި އޭނަޔަށް އިތުރަށް ނަފްސާނީ އަނިޔާތަކެއް ދޭށެވެ. މީއީ އަޅެފަހެ އިންސާނެއްހެއްޔެވެ؟

.The above article was submitted to us by an anonymous contributer

 

0 Comments

You can be the first one to leave a comment.

Leave a Comment

 
 
This site uses Akismet to reduce spam. Learn how your comment data is processed.