އަނިޔާކުރުމުގެ ސަގާފަތް

ސަޤާފަތެއް

ދިވެހި ފުލުހުންނާއި ސިފައިން ރައްޔިތުންނަށް އަބަދުވެސް އަނިޔާކުރޭ. އަނިޔާ އެއީ ސަލާމަތީ ބާރުތަކުގެ ސަޤާފަތުގެ ބައެއް. އެ ސަޤާފަތުގެ ތެރޭގައި އަނިޔާ ވަނީ ލާމެހި ހިމުންވެފައި. ޤައުމަށް ޑިމޮކްރެޓިކް ބަދަލުތައް އައިނަމަވެސް އަނިޔާވެރި ސަޤާފަތުން ދިވެހި ފުލުހުންނާއި ސިފައިން މިނިވަނެއް ނުވޭ. މިނިވަން ވާންވެސް ބޭނުމެއް ނުވޭ. ވޭތުވެ ދިޔަ ފެބްރުވަރީ 8 ވަނަ ދުވަހުން ފެށިގެން މިދަނީ ފާޅުކަން ބޮޑުކޮށް އެކަން ހާމަވަމުން. ފުލުހުންނާއި ސިފައިން އެ ގެންދަނީ ދިވެހި ރައްޔިތުންނަށް ލާއިންސާނީ އަނިޔާތައް ދެމުން.

އަނިޔާކުރަނީ ކީއްވެ؟
ފުލުހުންނާއި ސިފައިން ދިވެހި ރައްޔިތުންނަށް އަނިޔާކުރަނީ ރައްޔިތުން ކޮންޓްރޯލުކުރަން. ބިރުގަންނަވަން. އިންސާނީ ކަރާމާތް ކަނޑައި، ޤަދަރުކުޑަކޮށް ނިކަމެތިކުރަން. އަނިޔާވެރި ވެރިކަމެއްގެ ކުރިމަތީގައި ރައްޔިތުން ކުޑަކަކޫ ޖައްސުވަން. ރައްޔިތުންގެ ލޯބި ނުލިބި ވެރިކަން ކުރެވޭނީ ބާރުގެ ބޭނުންކޮށްގެން. އަނިޔާކޮށްގެން.

ކުރި އަނިޔާތައް
ފެބްރުވަރީ 7 ވަނަ ދުވަހު އެމްޑީޕީ ހަރުގެ ފުނޑާލާ އެތާގައި ތިބި އެ ޕާޓީގެ މެންބަރުންނަށް ހަމަލާދިނީ އެއްވެސް ސަބަބެއްނެތި ފެބްރުވަރީ 8 ވަނަ ދުވަހު އައްޑު އަތޮޅުގެ އެމްޑީޕީ ހަރުގެ ސުންނާފަތިކުރީ އެއްވެސް ސަބަބަކާ ނުލާ.
ހަމަ އެދުވަހު އެމްޑީޕީގެ އިސް މެންބަރުންތަކަށް ޖުމްހޫރީ މައިދާނުގައި އަނިޔާކުރީ މަރާލާނަމޭ ކިޔަމުން
ފެބްރުވަރީ 8 ވަނަ ދުވަހު އެމްޑީޕީގެ ޞުލްޙަވެރި މުޒާހަރާއެއްގެ ތެރެއަށް ފުލުހުން މުގުރާއި ޝީލްޑު ހިފައިގެން ވަދެގަތީ އެއްވެސް އިންޒާރަކާނުލާ. މުގުރުން ރައްޔިތުން ތަޅަމުން، ޕެޕަރ ސްޕްރޭ ޖަހަމުން ދިޔައީ އެއްވެސް ރަޙުމެއްނެތި. އެމްޑީޕީގެ އިސް މީހުން ތަޅައި މަރައިލުމަށް މަސައްކަތް ކޮށްފައިވާކަން ފާހަގަކުރެވޭ.
މި ފަދަ އަނިޔާތައް އައްޑުއަތޮޅާއި އެހެނިހެން ރަށްރަށުގެ ރައްޔިތުންނަށްވެސް ދަނީ ކުރަމުން. އަނިޔާގެ ބިރުވެރިކަން ދަނީ މުޅި ރާއްޖޭގައި ފަތުރަމުން

ދެކޮޅަށް ތެދުވުން
ދިވެހި ރައްޔިތުން އަނިޔާއާ ދެކޮޅަށް ތެދުވުނު. 30 އަހަރުގެ އަނިޔާވެރި ވެރިކަމެއް ނިމުމަކަށް ގެނައި. 2008 ން ފެށިގެން ހިނގާ ދިޔަ 3 އަހަރުގެ ތެރޭގައި ފުލުހުންނާއި ސިފައިންގެ އަނިޔާވެރިކަން އޮބެހެއްޓިފައި ބޭއްވުނު. އެހެންނަމަވެސް 7 ފެބްރުވަރީގައި ސިފައިންނާއި ފުލުހުންގެ ބަޣާވާތަކުން ވެރިކަން ބަދަލުކޮށް އަނިޔާވެރިކަން މިވަނީ މި ޤައުމުގައި ޢާންމުކޮށްފައި. އެހެންވެ އަނެއްކާވެސް އެއާ ދެކޮޅަށް ދިވެހިރައްޔިތުން މިވަނީ ތެދުވެފައި. އެކަކު އަނެކެއްގެ ކިބައިން ބާރު ލިބިގެން އެންމެ އެއްކޮށް އަތުގުޅާލައިގެން މިވަނީ އަނިޔާއާ ދެކޮޅަށް ނުކުމެފައި. ދިވެހި ރައްޔިތުންނަކަށް އަނިޔާއެއް ނުކުރެވޭނެ. އަނިޔާ ކޮށްގެންނުވާނެ. އަނިޔާކުރިޔަކަ ނުދޭނަން. ފުލުހުންނާއި ސިފައިންނަށް ޖެހޭނީ ހަމަ މިހާރުން މިހާރަށް ހުރިހާ އަނިޔާއެއް ހުއްޓާލަން.

 

1 Comment

  1. Shujau says:

    dhivehi gaumah gaddhaaru vee dhivehi sifainnai fuluhun

Leave a Comment

 
 
This site uses Akismet to reduce spam. Learn how your comment data is processed.